މުސާރަ ނުލިބޭ މައްސަލައިގައި ހުޅުމާލެ ފޭސް 1 ގައި ހިންގާ "ރިވެލި ބީޗު ކްލަބް އެންޑް ރެސްޓޯރެންޓް" ގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކަކާއެކު އިހުތިޖާޖުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 03:50 ހާއިރު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ރެސްޓޯރެންޓަށް ގޮސް މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކޮށް ކަންކަން ސާފުކޮށްފައިވެއެވެ. އަދި މިހާރު ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މުވައްޒަފުންގެ ޝަކުވާތައް ކަމާބެހޭ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާކަންވެސް ފުލުހުންނަށް ވަނީ އެނގިފައެވެ.
މި މައްސަލަ ގާނޫނީ އިމުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން ވަނީ ދެފަރާތަށްވެސް އިރުޝާދުދީފައެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި މި އިހުތިޖާޖުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ