ދެ އިންތިހާބު އެކީ ބޭއްވުމުގެ މައްސަލައަކީ ކުރިން ވެސް ހާއްސަ މަޖިލީހުގައި ބަހުސްކޮށް ގޮތް ނިންމާފައިވާ ކަމެއް: ނާޒިމް

ދެ އިންތިހާބު އެކީ ބޭއްވުމުގެ މައްސަލައަކީ ކުރިން ވެސް ހާއްސަ މަޖިލީހުގައި ބަހުސްކޮށް ގޮތް ނިންމާފައިވާ ކަމެއް: ނާޒިމް

Author
ހުސެއިން
10 މާރޗް 2026 06:07
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކޮށް ގޮތް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، ދިއްގަރު ދާއިރާ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ނާޒިމް ވިދާޅުވި ގޮތުގައި، ދެ އިންތިހާބު ބާއްވާނެ ތާރީހާ ގުޅޭ ގޮތުން ހާއްސަ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހެޅި، ތާއީދު ލިބި، ގޮތްތަކެއް ނިންމާފައިވާ ކަން ރެކޯޑްތަކުން ސާބިތުވާ ކަމަށެވެ. ހުށަހެޅުމާ ގުޅޭ ކަރުދާސްތައް ވެސް ނާޒިމް ވަނީ ޕޯސްޓްގައި ހިމަނުއްވާފަ އެވެ.
ހާއްސަ މަޖިލީހަށް ހުށަހެޅުނު ތިން ހުށަހެޅުމަކީ، މާލޭ މެންބަރު އިބްރާހިމް އިސްމާއިލްއާ، މާޅޮސްމަޑުލު އުތުރުބުރީ މެންބަރުން ކަމަށްވާ އަލީ ވަހީދާ، ޝާހީން ހަމީދު ހުށަހެޅުއްވި ތިން ހުށަހެޅުމެކެވެ. މި ތިން ހުށަހެޅުމުގައި ވެސް ވަނީ ދެ އިންތިހާބު އެކުއެކީ ބޭއްވުމަށެވެ.
ގާނޫނު އަސާސީ އެކުލަވާލި ދުވަސްވަރު ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް، ކުރީ ރޭ ބޭއްވި ޖަލްސާއެއްގައި ވެސް ވިދާޅުވީ، ދެ އިންތިހާބު އެކުއެކީ ބޭއްވުމުގެ ހުށަހެޅުމަށް ތާއީދު ލިބި، ވޯޓަށް ވެސް ކުރީ ޒަމާނުގައި އެހިފައިވާ ކަމަށެވެ. “މިއީ ކުރެވި، ނިމިފައި އޮތް ބަހުސެއް” ކަމަށާއި، ރައްޔިތުން ކުރިން ގޮތް ނިންމި ކަމެއް ކަމަށް ނާޒިމް ފާހަގަ ކުރެއްވި އެވެ.
ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އިދިކޮޅު އެމްޑީޕީ ދަނީ މި ވޯޓަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެ ޕާޓީގެ ބައެއް ވެރިން ވަނީ ކުރިން ދެ، ނުވަތަ ތިން އިންތިހާބު ވެސް އެއް ދުވަހެއްގައި ބޭއްވިދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.