އެކި ދަތިތަކާ ހެދި ޢުމްރާއަށް ނުދެވި ތިބި 164 ދިވެހިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ރޭ ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި ޢުމްރާވެރިން ފުރާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚާއްޞަ ޗާރޓާރޑް ފްލައިޓެއްގައެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރޭ ފުރި މީހުންގެ ތެރޭގައި އަމިއްލަ ގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު އިންތިޒާމުތައް ހަމަނުޖެހި ތިބި 30 މީހަކުވެސް ހިމެނެއެވެ. މީގެ އިތުރުން، މި ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް އަލްއަބްރާރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް ފައިސާ ދެއްކުމަށްފަހު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައިގެން މާބޮޑު ސަބަބަކާ ނުލައި ޤަވާއިދާ ޚިލާފަށް ދަތުރު ކެންސަލްކުރި ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މައްސަލަތަކާ ގުޅިގެން، އެކި ސަބަބުތަކާ ހުރެ ނުފުރި ތިބި ހުރިހާ ޢުމްރާވެރިންނަށް އެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް ޚާއްޞަ އިރުޝާދުތަކެއް ދެއްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަރުކާރުގެ މި މުހިންމު އެހީތެރިކަމާއެކު، މާޔޫސްވެފައި ތިބި ހުރިހާ ފަރާތްތަކަށްވެސް މިހާރު ޢުމްރާގެ އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ