ކ. މާފުށީގެ އަސްލު ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި، އެރަށުން އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މާފުށީގެ ތަރައްޤީއަށާއި އެރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި މި މަސައްކަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.
މާފުށީގެ އައު އާބާދީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުހިންމު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އެއްބަސްވުމުގެ ދަށުން މާފުށީގައި ތަރައްޤީކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމާއެކު، އެރަށުގެ ޢާންމު ޞިއްޙަތާއި ތިމާވެށީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ