ކ. މާފުށީގެ އަސްލު ރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، އެރަށުން އަލަށް ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ މާފުށީގެ އާބާދީއަށާއި އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިމާވެފައިވާ އަސާސީ ޚިދުމަތްތަކުގެ ދަތިތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.
މިކަމަށްޓަކައި މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ ޗެއަރޕަރސަން ޝަމްހޫޒާ އަޙްމަދެވެ.
މި ބޭފުޅުންގެ އިތުރުން މި ރަސްމިއްޔާތުގައި މާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން ރިޟާއާއި، މާފުށީ ކައުންސިލްގެ ރައީސާއި ނައިބު ރައީސްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢު ނިމުމުން މާފުށީގައި އަލަށް އާބާދުވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމައަށް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ