އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސްފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގޮސް، މިއަހަރުގެ ނިޔަލަށް އެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަމާޒު ހިފައިފިއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، މިވަގުތުވެސް ރާއްޖޭގެ 27 ރަށެއްގައި އެ ކުންފުނިން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ މާކުރިން ފެށި، ނަމަވެސް އެކި ގޮންޖެހުންތަކާ ހުރެ ހުއްޓިފައި ހުރި މަޝްރޫޢުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރު އެ ކުންފުނީގެ އެންމެ ބޮޑު މަޤްސަދަކީ އެއްވެސް މަޑުޖެހުމެއް ނެތި މި މަސައްކަތްތައް ކުރިއަށް ގެންގޮސް، މި ހިނގާ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި މަތީން ވިދާޅުވިއެވެ.
ކުރިން މި މަޝްރޫޢުތައް ލަސްވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަށްރަށުން މަސައްކަތްތެރިން ހޯދުމަށް ދިމާވި ދަތިތައް ހިމެނޭކަމަށް މަތީން ވިދާޅުވިއެވެ. އޭގެ އިތުރުންވެސް އެކި ކަހަލަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެ ހުރިހާ ކަމަކަށް ޙައްލު ހޯދިފައިވާކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. އަދި މިހާރު ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިފައިވާކަން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ