އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީއާއި އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ވެރިންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން، ޤައުމު ހިންގުން ވަގުތީ ގޮތުން މަތީ ފަންތީގެ ކައުންސިލަކާ ޙަވާލުކޮށްފިއެވެ.
ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރީ މުހިންމު ލީޑަރުންތަކެއް ޝަހީދުވެފައިވަނީ، ނިމިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ނުރައްކާތެރި ޙަމަލާތަކެއްގައެވެ. މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ޤައުމު ހިންގުމަށް އެކުލަވާލި ވަގުތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާއި، އުއްތަމަ ފަނޑިޔާރު ޣުލާމް ޙުސައިން މުޙްސިން އީޖީގެ އިތުރުން، އީރާންގެ އެންމެ މަތީ މަޖިލީހުގެ މެންބަރު އަދި ދީނީ ޢިލްމުވެރިޔާ އާޔަތުﷲ ޢަލީ ރިޟާ ޢަރަފީއެވެ.
އީރާނުގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން، 88 މެންބަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރުންގެ މަޖިލީހުން އައު ރޫޙީ ވެރިޔަކު ކަނޑައަޅަންދެން ވެރިކަން ހިންގާނީ މި ކައުންސިލުންނެވެ. އަދި ވީއެންމެ އަވަހަކަށް އައު ވެރިޔަކު ޢައްޔަންކުރުމަށް ޤާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން، ސަލާމަތާ ބެހޭ މަޖިލީހުގެ އިސް މުޝީރު ޢަލީ ލަރިޖާނީ، މި ވަގުތީ ސަރުކާރުގައި މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށް ބެލެވޭއިރު، އޭނާ ވަނީ ޤައުމު ބައިބައިކޮށް، ހަމަނުޖެހުން އުފެއްދުމަށް ދުޝްމަނުން ރާވާފައިވާ ރޭވުންތައް އީރާނުގެ އިންޤިލާބީ ލަޝްކަރުން ނާކާމިޔާބު ކޮށްލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ވަނީ ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭން ފަށާފައެވެ. އެގޮތުން އިސްރާއީލުގެ ތެލް އަވީވްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ވަނީ ޙަމަލާދީފައެވެ. އީރާނުގެ މި ޙަމަލާތައް އަމާޒުވި ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ޔޫއޭއީ، ކުވައިތު، ބަޙްރައިން، އުރުދުން އަދި ޢިރާޤު ހިމެނެއެވެ.
ކޮމެންޓު ފޮނުވާ