އީރާނުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގަތަރުން އިތުރު އަށް މީހަކަށް އަނިޔާވެ، އެ ގައުމުގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފި ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ހަމަލާތަކަކީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިިފުމުގެ ގޮތުން، މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކެކެވެ. މި ހަމަލާތަކުގެ އަޑުތައް ކުވައިތު، ބަހްރައިން، ޔޫއޭއީގެ އަބޫދާބީ އަދި ސައުދީ އަރަބިއްޔާގެ ރިޔާޒުގެ އިތުރުން އިސްރާއީލަށް ވެސް ވަނީ އިވިފައެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދުގައި ނުރައްކާތެރި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ގަތަރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ޚާއްސަ ޕްލޭންތައް އެކްޓިވޭޓްކޮށްފައެވެ. ސަލާމަތީ ބާރުތަކާއި ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި އާންމުން ގޭގައި ތިބުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިންޓީރިއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޮތް ނޭނގޭ ތަކެއްޗާ ކައިރިނުވުމަށާއި، ކުއްލި ހާދިސާއެއް ހިނގައިފިނަމަ 999 އަށް ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ދޮގު މައުލޫމާތާއި ހަގީގަތާ ޚިލާފު ފޮޓޯ ނުވަތަ ވީޑިއޯ ފެތުރުމަކީ ގާނޫނީ ކުށެއްކަން ހަނދާންކޮށްދީ، ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް އެކަނި ބަރޯސާވުމަށް ވެސް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ