އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި 40 އިސް އޮފިޝަލަކު މަރުވެއްޖެ

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި 40 އިސް އޮފިޝަލަކު މަރުވެއްޖެ

Author
ހުސައިން
01 މާރޗް 2026 07:24
0

 

އީރާނަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެގައުމުގެ 40 އޮފިޝަލަކު މިހާތަނަށް މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުން ހިމެނޭ ކަމަށް، ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ސީބީއެސް ނިއުސް އިން ރިޕޯޓުކޮށްފިއެވެ.

މި އޮފިޝަލުން ތިއްބެވީ އެއް ތަނެއްގައި ކަމެއް ނުވަތަ އެކި ތަންތަނުގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރުގެ އިތުރުން ޑިފެންސް މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ހަމަލާތަކުގައި އީރާާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ދައުލަތުގެ ބްރޯޑްކާސްޓަރު 'އައި.އާރް.އައި.ބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީރާނުގެ ރޫހީ ލީޑަރު ވަނީ ޝަހީދުގެ ދަރަޖަ ހޯއްދަވާފައެވެ."

ދައުލަތާ ގުޅުންހުރި 'މެހެރް' ނިއުސް އިން ބުނެފައިވަނީ "މި މަތިވެރި އިލްމުވެރިޔާ އަދި މުޖާހިދު ވަނީ އީރާން ކުރިއެރުވުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކުރައްވާފައި… އަދި އޭނާ ވަނީ މަތިވެރި ޝަހީދުންގެ އަރިހުގައި" ކަމަށެވެ. ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން އީރާނުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެ ދެ ގައުމުން ބުނެފައި ވަަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.