ރޫޙީ ލީޑަރު އަވަހާރަވުމުން އީރާނުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ ކާކު؟

ރޫޙީ ލީޑަރު އަވަހާރަވުމުން އީރާނުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ ކާކު؟

Author
ހުސައިން
01 މާރޗް 2026 07:15
0

އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ. އެހެންނަމަވެސް ރަސްމީކޮށް ވަކި ވާރިސަކު ކަނޑައަޅުއްވާފައި ނުވާތީ، ދެން އެ މަގާމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ. އީރާނުގެ އާ ލީޑަރަކު ހޮވުމުގެ ޒިންމާ އޮންނަނީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އަށެވެ.

އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި، އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ގިނަ މީޑިއާތަކަކުން ވަނީ ކަށަވަރުކޮށްދީފައިވާއިރު މި ހަމަލާގައި އަލީ ޚާމަނާއީގެ ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު ވަނީ އަވަހާރަ ވެފައެވެ.

އޭނާގެ ބަދަލުގައި ދެން އެ މަގާމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ. ސަބަބަކީ ގިނަ ދުވަހު ވެރިކަން ކުރެއްވި ޚާމަނާއީގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނެ ރަސްމީ ވާރިސަކު ކަނޑައަޅުއްވާފައި ނުވާތީއެވެ.

އާ ލީޑަރަކު ހޮވާނީ އިންތިޚާބު ކުރެވޭ 88 އިސް ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ.

ތަޖުރިބާކާރުންނާއި އެނަލިސްޓުންނާ ހަވާލާދީ ސީއެންއެން އިން ވަނީ މި މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ މައުލޫމާތު ހިއްސާކޮށްފައެވެ.

* ** މުޖްތަބާ ޚާމަނާއީ (56 އަހަރު):** މިއީ ޚާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. މުޖްތަބާއަކީ ނުފޫޒުގަދަ އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި ބާސިޖް ފޯސްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ނަމަވެސް، ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ވާރުތަވުމަކީ ޝީއީ ދީނީ ނިޒާމުގައި މާ ގަބޫލުކުރާ ކަމެއް ނޫނެވެ. މީގެ އިތުރުން މުޖްތަބާއަކީ ދީނީ ގޮތުން މަތީ ފަންތީގެ އިލްމުވެރިއެއް ނޫން ކަމަށާއި ދައުލަތުގެ ރަސްމީ ދައުރެއް ނެތުމަކީވެސް އޭނާއަށް އޮތް ހުރަހެކެވެ.

* ** އަލީރިޒާ އަރާފީ (67 އަހަރު):** މިއީ މާ މަޝްހޫރު ބޭފުޅެއް ނޫން ނަމަވެސް، ޚާމަނާއީގެ ވަރަށް އަރިސް އިލްމުވެރި ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުގައެވެ. އަދި އިންތިޚާބުތަކުގެ ކެންޑިޑޭޓުންނާއި ގާނޫނުތައް ބަލައި ފާސްކުރާ ބާރުގަދަ ގާޑިއަން ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ. އޭނާއަކީ އީރާނުގެ ސެމިނަރީ ސިސްޓަމްގެ ވެރިޔާއެވެ. އަރާފީ އަކީ ސިޔާސީ ގޮތުން މާ ބާރުގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ނުވާއިރު، ސަލާމަތީ ބާރުތަކާވެސް މާ ބޮޑު ގުޅުމެއް ނޯވެއެވެ.

* ** މުހައްމަދު މަހްދީ މީރްބާޣިރީ (60 ގެ އަހަރުތަކުގެ ކުރީކޮޅު):** މިއީ ހަރުކަށި ފިކުރުގެ ދީނީ އިލްމުވެރިއެކެވެ. އަދި އެސެމްބްލީ އޮފް އެކްސްޕާޓްސްގައި ދީނީ އެންމެ ކޮންޒަވޭޓިވް ފިކުރު ތަމްސީލުކުރައްވާ މެމްބަރެކެވެ. އީރާންވައިަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަކީ ހުޅަނގުގެ ގައުމުތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އަދި އީމާންވެގެން ތިބި މީހުންނާއި ކާފަރުންނާ ދެމެދު ހަނގުރާމައެއް ހިނގުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާ މިހާރު ހުންނެވީ ގޮމް ސިޓީގެ އިސްލާމިކް ސައިންސަސް އެކެޑަމީގެ ވެރިޔާގެ މަގާމުގައެވެ.

* ** ހަސަން ޚުމައިނީ (50 ގެ އަހަރުތަކުގެ ކުރީކޮޅު):** މިއީ އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުﷲ ޚުމައިނީގެ ކާފަދަރިކަލުންނެވެ. އެހެންކަމުން ދީނީ އަދި އިންގިލާބީ ޝަރުއީ ހައިސިއްޔަތު އޭނާއަށް ލިބިވަޑައިގަންނަވައެވެ. އޭނާ ހުންނެވީ ޚުމައިނީގެ މަގުބަރާ ބެލެހެއްޓެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވެ. ނަމަވެސް ދައުލަތުގެ ރަސްމީ މަގާމެއް ފުރުއްވާފައި ނުވެއެވެ. އަދި ސަލާމަތީ ބާރުތަކާއި ވެރިކަން ކުރާ ފަންތީގެ މީހުންނާ މާ ބޮޑު ނުފޫޒެއް އޮތް ކަމަކަށް ނުބެލެވެއެވެ. އޭނާ ފާހަގަކުރެވެނީ އެހެން ބޭފުޅުންނާ އަޅާބަލާއިރު މެދުމިނުގެ ފިކުރުގެ ބޭފުޅެއްގެ ގޮތުގައެވެ.

* ** ހާޝިމް ހުސައިނީ ބުޝެހްރީ (60 ގެ އަހަރުތަކުގެ ފަހުކޮޅު):** މިއީ ވެރިކަން ބަދަލުވުމުގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކާ ގާތް ގުޅުމެއް އޮންނަ އިސް އިލްމުވެރިއެކެވެ. ޚާއްސަކޮށް އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ފުރަތަމަ ޑެޕިއުޓީ ޗެއާމަންގެ ހައިސިއްޔަތުންނެވެ. ބުޝެހްރީ އަކީ ޚާމަނާއީއާ ގާތް ބޭފުޅެއް ކަމަށް ބުނެވުނު ނަމަވެސް، ގައުމުގެ އެތެރޭގައި މާ މަޝްހޫރު ބޭފުޅެއް ނޫނެވެ. އަދި އައިއާރްޖީސީއާ މާ ގަދަޔަ ގުޅުމެއް އޮންނަ ކަމަކަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.