މެދުއިރުމަތީގެ ހަމަނުޖެހުން: ފުރަން ދިއުމުގެ ކުރިން ފްލައިޓް ޗެކްކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

މެދުއިރުމަތީގެ ހަމަނުޖެހުން: ފުރަން ދިއުމުގެ ކުރިން ފްލައިޓް ޗެކްކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި

Author
ޙަސަން މުޙައްމަދު
28 ފެބްރުއަރީ 2026 09:30
0

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމުން، ވީއައިއޭއަށް ދިއުމުގެ ކުރިން ފްލައިޓްގެ މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން އެމެރިކާގެ ބޭސްތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން އެ ސަރަހައްދަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިން ވަނީ ތޮއްޖެހިފައެވެ. މިއަދު މެންދުރުން ފެށިގެން މިރެއާ ހަމައަށް ޝެޑިއުލްކޮށްފައި އޮތް 10 ވަރަކަށް ފްލައިޓް ކެންސަލްވިއިރު، މީގެ ތެރެއިން ގިނަ ފަސިންޖަރުންނަށް ފްލައިޓް ކެންސަލްވިކަން އެނގުނީ އެއާޕޯޓަށް ދިޔަ ފަހުންނެވެ.

މި ހާލަތާ ގުޅިގެން އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން މިރޭ ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ވަނީ، ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިންގެ ރަސްމީ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ ސްޓޭޓަސް ޗެކްކުރުމަށް އިރުޝާދު ދީފައެވެ. އަދި އެންމެ ފަހުގެ ގައިޑްލައިންތަކާއި، ރީބުކިން ނުވަތަ ޝެޑިއުލް ބަދަލުވުމުގެ މައުލޫމާތު ހޯދުމަށް ޓުއާ އޮޕަރޭޓަރުންނާ ގުޅުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ދަތުރުގެ ކަންކަން ހަމަޖެއްސުމަށް އިތުރު ވަގުތު ހުސްކުރުމަށާއި، ފްލައިޓްތަކުގެ ރިއަލްޓައިމް މައުލޫމާތު fis.com.mv އިން ބެލުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

މި ދަނޑިވަޅުގައި ވެސް މެދުނުކެނޑި ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެމުން، އެމްއޭސީއެލްއިން ވަނީ މި އުނދަގޫ ހާލަތުގައި ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.