ދިވެހި ފުލުހުންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ރިޓަޔަރކުރެއްވި އިސްމާއީލް ނަވީންގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް ޚާއްސަ އިިއްޒަތެއް މިއަދު އަރުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާންއެވެ. ފުލުހުންގެ އިސް ރޭންކުތަކުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ރިޓަޔަރޑް ކޮމިޝަނަރ ނަވީންއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔަރމަންޓް ކާޑު އަރުވާފައެވެ.
ޝަރަފުގެ ހަނދާނީ ފިލައަކީ ކޮމިޝަނަރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ބޭފުޅުންނަށް މުއައްސަސާގެ ފަރާތުން ދެވޭ ޚާއްސަ ރަމްޒެކެވެ. މި ފިލާގައި ނަވީންއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތަކުގެ އިތުރުން، ސީޕީގެ ޔުނިފޯމުގައި ހިމެނޭ ބައިތަކާއި ފުލުހެއްކަން އަންގައިދޭ ކާޑު ހިމަނާފައިވެއެވެ. މީގެ އިތުރުން ހަވާލުކުރެވުނު ރިޓަޔަރމަންޓް ކާޑަކީ، ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވާ ފުލުހުން މުއައްސަސާއަށް ޒިޔާރަތްކުރެއްވުމުގައި އައިޑެންޓިފިކޭޝަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކާޑެކެވެ.
އިސްމާއީލް ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވުނީ 2025 ވަނަ އަހަރުގެ ޖޫން මަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވިއިރު، އޭރުގެ ސީޕީ އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން މުއައްސަސާ ހިންގެވުމުގެ ޒިންމާ ވެސް ނަވީން ވަނީ އަދާކުރައްވާފައެވެ. އެމަނިކުފާނު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރެއްވީ ދިގު މުއްދަތެއްގައި ޤައުމީ ޚިދުމަތުގައި ދެމިހުންނެވުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ