ހދ. ނޮޅިވަރަންފަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، މުޅި ރަށަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ނޮޅިވަރަންފަރު އިންޖީނުގޭގައި ބަހައްޓާފައި ހުންނަނީ 800 ކިލޯވޮޓާއި 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރެވެ. މީގެ ތެރެއިން އިއްޔެ މައްސަލަ ޖެހި، ކަރަންޓު ކެނޑެން މެދުވެރިވީ އެރަށުގައި ބޭނުންކުރާ 800 ކިލޯވޮޓުގެ ޖަނަރޭޓަރު ހުއްޓުމާ ގުޅިގެންނެވެ. އާބާދީގައި ގާތްގަނޑަކަށް 2000 މީހުން ދިރިއުޅޭ އެ ރަށަށް، 400 ކިލޯވޮޓުގެ ޖަނަރޭޓަރު އެކަނި ބޭނުންކޮށްގެން ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދުމުގެ ސަބަބުން، އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
މި މައްސަލައާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވި ގޮތުގައި، ޖަނަރޭޓަރަށް ދިމާވި މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ހައްލުކުރެވިފައެވެ. އަދި މިހާރު މުޅި ރަށަށް އާންމު އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ހައްލުކުރެވެންދެން އިއްޔެގެ ވަގުތުތަކުގައި ކަރަންޓު ދެމުން ގެންދިޔައީ ކުޑަ ޖަނަރޭޓަރު ބޭނުންކޮށްގެން ރަށުގެ އެކި ސަރަހައްދުތަކަށް ގަޑި ބަހާލައިގެންނެވެ.
ކަރަންޓު ނެތުމުގެ ދަތިކަން ރައްޔިތުންނަށް ފޯރި ނަމަވެސް، ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ބެކަޕް ޖަނަރޭޓަރެއްގެ އެހީގައި ކުރިއަށް ގެންދިޔައިރު، މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރު ކަމަށްވުމުން، ދަރިވަރުން އިމްތިހާނު ހެދި ވަގުތު ސްކޫލަށް ވެސް ވަކި ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ