އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ފާހަގަކުރާ އެސްޓޯނިއާގެ މިނިވަން ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ވަނީ، އެސްޓޯނިއާގެ ރައްޔިތުންނަށް ކުރިއަށް އޮތް އަހަރަކީ ކާމިޔާބު އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެންފައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މި ދަތުރުފުޅުގައި، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް އެ ޤައުމުގެ ތަޖުރިބާއާއި އެހީތެރިކަން ހޯއްދެވުމަށް މަޝްވަރާކުރެއްވިއިރު، އެކަމަށް އެސްޓޯނިއާއިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން، އެސްޓޯނިއާގެ ސަރުކާރާއި މުއައްސަސާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށް، މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ސިޔާސީ މަޝްވަރާތައް (ޕޮލިޓިކަލް ކޮންސަލްޓޭޝަން) ފެށުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދުވެސް ވަނީ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކޮމެންޓު ފޮނުވާ