ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ "ޕަބްލިކް ޑިރެކްޓަރު" ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.
ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި، އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިހާބުކުރާ މަގާމެކެވެ. މި މަގާމަށް ބޭފުޅަކު ހޮވުން އޮންނާނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ އެ ފަރާތެއް އިންތިހާބުކުރާ ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.
މި މަގާމަށް ޝައުގުވެރިވާ، ޝަރުތުހަމަވާ އާންމު ހިއްސާދާރުން "ޕަބްލިކް ޑައިރެކްޓަރުކަމަށް އެދޭ ފޯމު" އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، 12 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކޮށް ދިރާގު ހެޑް އޮފީހުގައި ހުންނަވާ ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ނުވަތަ ދިރާގުގެ އިންވެސްޓަރ ރިލޭޝަންސް އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު ދިރާގުގެ ވެބްސައިޓުންނާއި ހެޑް އޮފީހުން، ސުންގަޑި ހަމަވުމާ ހަމައަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ދިރާގުން ހާމަކުރި ގޮތުގައި ހުށަހަޅާ އެޕްލިކޭޝަންތައް ވަކި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ބޯޑުގެ އާރްއެންޖީ (RNG) ކޮމިޓީންނެވެ. މި މަރުހަލާގައި ކެންޑިޑޭޓުންނާ އިންޓަވިއު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ކޮމިޓީން ނިންމާ ނަންތައް ބޯޑުގެ ހުއްދައާއެކު އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ހިމަނައި، ވޯޓަށް ހުށަހެޅޭނެއެވެ. މި މަގާމަށް ހޮވޭނީ ޖަލްސާއަށް ހާޒިރުވާ ނުވަތަ ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. ވޯޓު ދިނުމުގައި ބަލާނީ އެ ފަރާތަކަށް ނިސްބަތްވާ ޖުމްލަ ހިއްސާގެ އަދަދަށް، ކޮންމެ ހިއްސާއަކަށް ވޯޓެއްގެ އުސޫލުންނެވެ.
ދިރާގަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ކުންފުންޏަކަށްވާތީ، ޝަރުތުހަމަވާ އަންހެން ހިއްސާދާރުން މި މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން ވަނީ ބާރުއަޅައި ހިތްވަރު ދީފައެވެ.
ކޮމެންޓު ފޮނުވާ