ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގޫގުލް ޑްރައިވް ފަދަ ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބ. ކުޑަރިކިލު، ހުޅެވި، އުމުރުން 29 އަހަރުގެ ޢަލީ ނާޖިޙު އަޙްމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިނގަމުންދާ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަކުދިންގެ އޮރިޔާން މަންޒަރު ހިމެނޭ ތަކެތި ގޫގުލް ޑްރައިވްއަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ޑިވައިސްތަކުގައި އެފަދަ ތަކެތި ރައްކާކޮށް ގެންގުޅުނު ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން، މި މަހުގެ 19 ވަނަ ދުވަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް އިތުރު 7 ދުވަސް ޖަހައިދީފައެވެ. އެހެންކަމުން ދެން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ހިމެނޭ ތަކެތި ގެންގުޅުމާއި ފެތުރުމުގެ މައްސަލަތަކަކީ އެ އިދާރާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ގެންދާ ސީރިއަސް މައްސަލަތަކެކެވެ.
ކޮމެންޓު ފޮނުވާ