ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ހަސަން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދަށް މީގެ ކުރިން ކޯޓުން ދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ވަނީ ބަންކު ބެޑެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދާފައެވެ. އަދި މި ފައިސާ ޖަމާކުރުވީ އެހެން މީހެއްގެ އެކައުންޓަކަށް ކަމަށާއި، އެ ފައިސާ ފަހުން ނަގާފައިވަނީ ހަސަންކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި ހަސަން އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެކެވެ. އޭނާ ސްކޭމްކޮށްގެން ހޯދާ ފައިސާ ޖަމާކުރުމަށް ބޭނުންކޮށްފައިވަނީ ވޯކް ޕާމިޓް އޮންނަ، ގަވާއިދުން އުޅޭ އެހެން ބިދޭސީއެއްގެ ބޭންކު އެކައުންޓެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ