ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ތިއްބަވާ ބޭފުޅުން އަވަސް އަވަހަށް ބަދަލުވުމަކީ ފުލުހުންގެ މުއައްސަސާގެ ދިގު ރާސްތާގެ އިސްލާހީ މަސައްކަތްތައް ހުއްޓި، ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީންގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ މަގާމާ ހަވާލުވެވަޑައިގެންތާ މާގިނަ ދުވަހެއް ނުވެ ރިޓަޔާ ކުރައްވާފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ހަމީދު ވިދާޅުވީ، ޕްރޮފެޝަނަލް ޚިދުމަތެއްދޭ މުއައްސަސާއެއްގެ އެންމެ އިސް ވެރިން އެހާ އަވަހަށް ބަދަލުވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ލީޑަޝިޕް ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސަތުތަކުގެ ތަރުތީބަށް ބަދަލު އައިސް، ދިގު މުއްދަތަށް ރާވާފައިވާ މުހިންމު މަސައްކަތްތައް ހުއްޓުމަކަށް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމީދު ވިދާޅުވި ގޮތުގައި މިފަދަ ބަދަލުތަކާ އެކު، ފުލުހުންގެ މުއައްސަސާ ހިންގަނީ ގައުމީ މަސްލަހަތަށްތޯ ނުވަތަ ސިޔާސީ މަންފާއަށްތޯ އާންމުން ސުވާލު އުފައްދާނެއެވެ. ޑިމޮކްރެޓިކް ހަމަތަކާ ދުރަށްދާ ސަރުކާރުތަކުން ބޭނުންވާނީ އެބަޔަކު ބޭނުންވާ ގޮތަށް ކޮންޓްރޯލް ކުރެވޭ ކަހަލަ ވެރިއެއް ކަމަށާއި، ނަމަވެސް ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވަނީ ސިޔާސީ ނުފޫޒަށް ނޫނެކޭ ބުނެވޭ، ގާނޫނުއަސާސީއަށް ވަފާތެރި ގާބިލު ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކޮމިޝަނަރުން އައްޔަން ކުރުމުގެ ބާރު ޕޮލިސް ބޯޑަށް އޮތް ނަމަވެސް، މި ސަރުކާރުން އެ ބޯޑުގެ ބާރު ކަނޑުވާލައި، ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގެ ތުހުމަތު ވެސް ހަމީދު ވަނީ ކުރައްވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ ސީޕީ ޝުޖާއު މަގާމުން ވަކިވެވަޑައިގަތީ މާލޭގެ އިމާރާތަކުން މީހަކު ވެއްޓުނު ހިތާމަވެރި ހާދިސާއަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި އޭގެ ފަހުން އެ މަގާމަށް ވަޑައިގެންނެވި ނަވީން 32 އަހަރުގެ ޚިދުމަތަށްފަހު އިއްޔެ ރިޓަޔާ ކުރެއްވިއިރު، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ފާސްކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ