ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގައި 43 އެކްސިޑެންޓް، 16 މީހަކަށް އަނިޔާވި

ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގައި 43 އެކްސިޑެންޓް، 16 މީހަކަށް އަނިޔާވި

Author
ޙަސަން މުޙައްމަދު
18 ފެބްރުއަރީ 2026 06:46
0

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ބްރިޖު އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި 43 އެކްސިޑެންޓް ހިނގައި، އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން މާލޭގައި 37 އެކްސިޑެންޓް ހިނގާފައިވާއިރު، ބްރިޖާއި ހައިވޭގައި 6 އެކްސިޑެންޓް ހިނގާފައިވެއެވެ. ވަކިވަކި ދުވަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގިއިރު، ރޭގަނޑުގެ ވަގުތުތަކަށްވުރެ ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން ދުވާލު 31 އެކްސިޑެންޓް ހިނގިިއިރު ރޭގަނޑު ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލާއި އެހެން އުޅަނދުތައް ޖެހިގެން ހިނގާފައިވާ ހާދިސާތަކެވެ. އޭގެ ތެރޭގައި ސައިކަލާއި ކާރު ޖެހިގެންނާއި، ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްތައް ގިނަ ކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ވޭނާއި، ޕިކަޕް އަދި ބަސް ފަދަ އުޅަނދުތަކާއި ސައިކަލު ޖެހިގެން ވެސް އެކްސިޑެންޓްތައް ހިނގާފައިވާއިރު، ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖެހިގެންނާއި، އަމިއްލައަށް ކަހާލައިގެން ވެއްޓުމުގެ ހާދިސާތަކާއި ހިޓް އެންޑް ރަން ގެ މައްސަލަތައް ވެސް މި ލިސްޓުގައި ހިމެނެއެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް އެކަތި އަނެކައްޗާ ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތައް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާތަކުގައި 16 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިއީ ޖުމްލަ އެކްސިޑެންޓްތަކުގެ 24 އިންސައްތައެވެ. ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ 95 އިންސައްތައަކީ ކުދި އެކްސިޑެންޓްތަކެވެ. ނަމަވެސް، ސީރިއަސް ނުވަތަ ބޮޑު 2 އެކްސިޑެންޓެއް މި މުއްދަތުގައި ހިނގާފައިވެއެވެ. މި ހާދިސާތަކުގައި 50 އުޅަނދަކަށް ގެއްލުން ވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދުއްވުމުގެ އަދަބުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު އުޅަނދު ދުއްވައި، މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.