މާލޭގެ މަޖީދީ މަގާއި ރަށްދެބައި މަގު ގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލް ޔޫސުފުލް ބަރުބަރީ، ޒަމާނީ ފެންވަރަށް އަލުން ބިނާކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިސްކިތް ހުޅުއްވައިދެއްވީ މިއަދުގެ އަސުރު ނަމާދު ވަގުތުގައެވެ. ރަސްމިއްޔާތަށްފަހު ރައީސް ވަނީ މިސްކިތުގެ އެތެރެ ބައްލަވާލައްވާފައެވެ. އަލަށް ހުޅުވުނު މި މިސްކިތުގައި މިއަދުގެ އަސުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަތީބު އަލްޙާފިޒް ޢަބްދުﷲ ބިން އިމްޖާދުއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، އަލަށް އިމާރާތްކުރެވުނު މި މިސްކިތަކީ އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭނެހެން ޖާގަ ތަނަވަސްކޮށް، ރީތި ޑިޒައިނަކަށް ހަދާފައިވާ ތަނެކެވެ.
ބަރުބަރީ މިސްކިތް އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަލިސާފު ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއީ މާލޭގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ނިންމާލެވުނު މުހިންމު މަސައްކަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ