ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސްތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް (ޓަރމިނަލް 2) އަށް ބަދަލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް މިއަދުން ފެށިގެން ގެނެސްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ޑޮމެސްޓިކް ފަސިންޖަރުން ގޮވައިގެންދާ އުޅަނދުތައް ދެން މަޑުކުރަން ޖެހޭނީ ޓަރމިނަލް 2 ނުވަތަ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް ސަރަހައްދަށެވެ. އަދި ކުރިން ޑޮމެސްޓިކް ޓަރމިނަލްގެ ގޮތުގައި ބޭނުންކުރި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި މީހުން ބޭލުމަކީ ދެން މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ޑޮމެސްޓިކް ދަތުރުތަކުގައި މާލެ އަންނަ ފަރާތްތަކުން ޓެކްސީ ހޯދުމަށް ބޭނުންކުރަން ޖެހޭނީ ޓަރމިނަލް 1 ގައި ޤާއިމުކޮށްފައިވާ ޓެކްސީ ކިއުއެވެ. ނަމަވެސް، އެއަރޕޯޓުގައި ދެމުން އަންނަ ބަހުގެ ޚިދުމަތުގެ ރޫޓުތަކަށް މި ވަގުތު އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމް.އޭ.ސީ.އެލްއިން މައުލޫމާތު ދެއެވެ.
މި ބަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެއަރޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކާއި ޚާއްޞަކޮށް ޑްރައިވަރުން، އަލަށް ހަމަޖެހުނު އުސޫލުތަކަށް ސަމާލުވުމަށް އެމް.އޭ.ސީ.އެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ