މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ހަތަރުވަނަ އައިނު ފިހާރަ ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މި ފިހާރަ ހުޅުއްވައިދެއްވީ، އެކަމަށްޓަކައި އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މިއީ ސަރުކާރުން އާންމުންނަށް ލުއި ފަސޭހަކޮށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްސީޖީއެޗް އިން ހުޅުވި ހަތަރުވަނަ ފިހާރައެވެ. އަދި މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި މި ޚިދުމަތް ފެށި ދެވަނަ ފަހަރެވެ.
މި ސިލްސިލާގެ ދަށުން ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައިވެސް ވަނީ އިތުރު ފިހާރައެއް ހުޅުވާފައެވެ. މި ހުރިހާ ފިހާރަތަކެއްވެސް ހިންގަމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ