އެޕަލް ޓީވީގެ މަޝްހޫރު ސްޕައި ތުރިލާ ސީރީޒް "ޓެހެރާން" ގެ ޕްރޮޑިއުސަރު ދާނާ އީޑަން، ގްރީސްގެ ވެރިރަށް އެތެންސްގައި ހުރި ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އުމުރުން 52 އަހަރުގެ ދާނާގެ ހަށިގަނޑު ފެނިފައިވަނީ، އާއިލާގެ މީހަކު އޭނާއަށް ގުޅުމުން ޖަވާބު ނުދިނުމާ ގުޅިގެން ބެލިބެލުމުގެ ތެރެއިންނެވެ. ގްރީސްގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ފެނުނު ކޮޓަރި ތެރެއިން ބޭސްގުޅަތަކެއް ފެނިފައިވާއިރު، ފުލުހުން މި މައްސަލަ ބަލަމުންދަނީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ކަރުގައި ނޫފައިގަނެފައިވާ ނިޝާންތަކެއް ހުރިކަމަށް ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން "ޑޯނާ އެންޑް ޝޫލާ ޕްރޮޑަކްޝަންސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާއިލާއާއި އެކުވެރިންނަށް އަދި މަސައްކަތުގެ ބައިވެރިންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި ދާނާގެ މަރާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެމުން އެ ކުންފުނިން ވަނީ، މިއީ ޖިނާއީ ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
ދާނާ ގްރީސްއަށް ގޮސް ހުރީ އެ ސީރީޒްގެ ހަތަރުވަނަ ސީޒަންގެ މަންޒަރުތައް ނެގުމަށެވެ. އިޒްރޭލުގެ މޮސާޑް އެޖެންޓެއްގެ ވާހަކަ ކިޔައިދޭ މި ސީރީޒްއަކީ ބައިނަލްއަގުވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބިފައިވާ އުފެއްދުމެކެވެ. މި މަސައްކަތަށް 2021 ވަނަ އަހަރު އިންޓަނޭޝަނަލް އެމީ އެވޯޑްވެސް ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ