ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެތެރޭގެ އުދުހުންތައް ނުވަތަ ޑޮމެސްޓިކް ދަތުރުތައް، މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
މި ބަދަލާއެކު މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރެވޭނެއެވެ. އެމްއޭސީއެލް އިން ވަނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް، ޑޮމެސްޓިކް ދަތުރުތަކަށް ޚާއްސަކޮށްގެން ބޭނުންކުރުމަށްޓަކައި ގެންނަންޖެހޭ މަރާމާތުތައްކޮށް، ޓާމިނަލް އެއްކޮށް ތައްޔާރުކޮށްފައެވެ. މި އައު ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
މާދަމާއިން ފެށިގެން ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްދޭ ތިން އެއާލައިން ކަމަށްވާ މޯލްޑިވިއަން، މަންޓާ އެއާ އަދި ވިލާ އެއާގެ ހުރިހާ ދަތުރުތަކެއް ވެސް ކުރިއަށްދާނީ އަލަށް ހުޅުވާ ޓާމިނަލް 2 އިންނެވެ. މި ބަދަލު ގެނެވުނީ ވެލާނާ އެއާޕޯޓުގެ އައު އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 1) މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވައި، ބައިނަލްއަގުވާމީ ހުރިހާ ދަތުރުތަކެއް އެތަނަށް ބަދަލުކުރުމާ ގުޅިގެން، ކުރީގެ ޓާމިނަލް ހުސްވުމުންނެވެ.
ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުވުނު އައު އިންޓަނޭޝަނަލް ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހިންގި މި މަޝްރޫއު ނިމުނުއިރު ޖުމްލަ އަގު ވަނީ 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) އަށް އަރާފައެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު އެއާޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.
ކޮމެންޓު ފޮނުވާ