މިހާރު ކުރިއަށްދާ މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ނުނިމި އޮތް ބައިގެ މަސައްކަތް ކުރިއަށް އޮތް ރޯދަ މަހު ފަށައި، އަންނަ އޭޕްރީލް ނުވަތަ މެއި މަހުގެ ނިޔަލަށް މުޅި މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހަދަމުންދާ މި މަޝްރޫއުގެ ދަށުން، ޗާނދަނީ މަގުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށްފައިވާ ސަރަހައްދު ރޭ ވަނީ ރަސްމީކޮށް އާންމުންނަށް ހުޅުވާލާފައެވެ. އެ ސަރަހައްދު ހުޅުވާލުމުގެ ކުރިން ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޓީސީސީގެ އިސްވެރިން ވަނީ އެތަނަށް ޒިޔާރަތްކުރައްވައި، މަގުގެ އެއްފަރާތުގައި ގަސް އިންދަވާފައެވެ. މި މަޝްރޫއަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރުގެ ދަށުން، ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ ސަރަހައްދުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން ޖެޓީ (ރަސްމީ ފާލަން) އިން ފެށިގެން އިރަށް، ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދުގައި ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ތެރޭގައި އެ ސަރަހައްދުގެ ޝީޓްޕައިލް ކުރުމާއި މަގު ފުޅާކޮށް ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައުދީ ލަފާކުރައްވާ ގޮތުގައި މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އޭޕްރީލް ނުވަތަ މެއި ހިސާބަށް މުޅި މަގު އެއްކޮށް ނިންމާލެވޭނެއެވެ.
ދާދި ފަހުން ނިންމާލި ބާޒާރުމަތީ ސަރަހައްދުގެ މަސައްކަތަށް އިޝާރާތްކުރައްވައި ސައުދީ ވިދާޅުވީ، އެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ބިމުގެ އަޑީގައި ހުރި ހަރު އައިނުގަނޑުތަކުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މަސައްކަތް މެދުކަނޑާލަން ޖެހުމަކީވެސް މަޝްރޫއު ލަސްވާން ދިމާވި ސަބަބެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެހެން ކުންފުނިތަކުގެވެސް އެހީތެރިކަމާއެކު އެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ކާރޫބާރޫ ބޮޑު މި ސަރަހައްދު ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތުމުން ދިމާވި ދަތިތައް ހައްލުކުރުމަށް، މިހާރު ވަނީ މަގު ފުޅާކޮށް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައެވެ. މިއީ މުދާ އުފުލުމަށާއި ބަސް ފަދަ ބޮޑެތި ވެހިކަލްތަކުގެ ދަތުރުފަތުރަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. މަގު ހަދާފައިވަނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމާއެކު ކަމަށްވިޔަސް، ޕަމްޕްތައް ހަރުކުރުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށާއި، އެ ނިޒާމު ފުރިހަމަވުމުން ފެންބޮޑުވުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 455 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ