ގެދޮރުވެރިޔާ ސްކީމް: 3600 އަށްވުރެ ގިނަ ފަރާތަށް ތަޅުދަނޑި ހަވާލުކޮށްފި

ގެދޮރުވެރިޔާ ސްކީމް: 3600 އަށްވުރެ ގިނަ ފަރާތަށް ތަޅުދަނޑި ހަވާލުކޮށްފި

Author
އަހުމަދު
15 ފެބްރުއަރީ 2026 01:29
0

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 3600 އަށްވުރެ ގިނަ ފަރާތަށް ތަޅުދަނޑި ހަވާލުކޮށް ނިމިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ހަވާލުކުރެވިފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެސް އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ ފަރާތްތައް ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލް ކުރުމަށްފަހު ހާޒިރުނުވެވުނު 90 ވަރަކަށް މީހުން ހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ކަށަވަރުކުރަން ޖެހޭތީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެލޮކޭޓްކޮށްނުދޭ 112 ފްލެޓެއް ހިމެނޭކަމަށްވެސް އެފްޑީސީން ބުނެއެވެ. ނަމަވެސް އެ ފްލެޓްތަކުގެ ލިސްޓު ލިބުނުހާ އަވަހަކަށް އެ ފަރާތްތަކަށް ވެސް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ހަމްދާން ވަނީ ދެއްވާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 4000 ހައުސިންގ ޔުނިޓު ތަރައްޤީކޮށްފައިވާއިރު، މީގެ ތެރޭގައި 16 ފަންގިފިލާގެ 32 ޓަވަރު ހިމެނެއެވެ. ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ މި ފްލެޓްތަކަށް، ކުރިއަށް އޮތް ރަމަޟާން މަހަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެހެންކަމުން ވުޒާރާއިން ކަނޑައަޅާ ފަރާތްތަކާއެކު ވީހާވެސް އަވަހަކަށް އެއްބަސްވުން ހަދައި ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ބާރަށް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.