މާލެ ކައިރިން ރޯވެ އަޑިއަށް ދިޔަ މަސް ދޯނީގައި ދަތުރުކުރި އެކަކަށް ފަރުވާދެނީ

މާލެ ކައިރިން ރޯވެ އަޑިއަށް ދިޔަ މަސް ދޯނީގައި ދަތުރުކުރި އެކަކަށް ފަރުވާދެނީ

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 11:08
0

މާލެއާ ކައިރިން ދަތުރުކުރަމުންދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި މިއަދު މެންދުރުފަހު ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ދޯނި އަނދައި އަޑިއަށް ގޮސްފައިވާއިރު، އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

"ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ މި ދޯނީގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރުއެވެ. ހާދިސާ ހިނގިއިރު ދޯނީގައި 15 މީހުން ތިއްބެވެ. އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ސަލާމަތްކޮށް މާލެ ގެނެސްދިނީ އެ ސަރަހައްދުން ދަތުރުކުރި ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައެވެ. ފުލުހުން ފުރަތަމަ ހާމަކުރި ގޮތުގައި މި ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ނަމަވެސް އައިޖީއެމްއެޗުން މިރޭ ކަށަވަރުކޮށްދިން ގޮތުގައި، ހޮސްޕިޓަލަށް ގެނެސް މިވަގުތު ވޯޑުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ލިބިފައިވާ މައުލޫމާތުގައިވާ ގޮތުން، އަނިޔާވި މީހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ފުރަތަމަ ރޯވީ ދޯނީގެ އިންޖީނު ރޫމާ ދިމާލުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު މުޅި ދޯންޏަށް ފެތުރި، ޚާއްސަކޮށް ދޯނީގެ ފަހަތުކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މި އަލިފާނުގެ ސަބަބުން ދޯނީގެ ބޮޑު ބައެއް ހަލާކުވެ، ދޯނި ވަނީ އެއްކޮށް ކަނޑަށް އަޑިއަށް ގޮސްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާއިރު، ދޯނި އަޑިއަށް ދިއުމާ ގުޅިގެން އޭގެ ބައިތައް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.