ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށާއި، ރަށްރަށުގެ ތަރައްގީއަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ޖޭޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މާމިގިނލި ދާއިރާއަށް ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ވެސް ޖޭޕީން ތާއީދުކުރާނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. މި ނިންމުމަކީ ގައުމުގެ ހަމަޖެހުން ދަމަހައްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައުލަތް ހިންގުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ގައުމުގެ ދަރަނި ދެއްކުމާއި އިގްތިސާދީ ކަންކަން ހަމަމަގަށް އެޅުވޭނީ ރައްޔިތުންގެ ފުރިހަމަ ތާއީދު ސަރުކާރަށް އޮވެގެންކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ކުރިއަށް އޮތް ތިން އަހަރު ރަށްރަށަށް ގެނެވޭނެ ތަރައްގީއެއް ނޯންނާނެ އެވެ. ސަބަބެއްގެ ގޮތުގައި ގާސިމް ދެއްކެވީ، ކައުންސިލްތަކަށް މަސައްކަތް ކުރެވޭނީ ސަރުކާރުން ބަޖެޓު ދީގެން ކަމަށް ވާއިރު، އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނުލިބިއްޖެނަމަ ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފައިދާވާން އޮތީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
އިދިކޮޅަށް ވޯޓު ދިނުމުގެ ބޭކާރުކަން ސިފަކުރައްވަމުން ގާސިމް ވިދާޅުވީ "މަރުވެފައި އޮތް މަންމަގެ މާހަނަ މައްޗަށް ގޮސް މަޑިއަކަށް ޖެހުން" ވެސް އެއަށްވުރެ ރަނގަޅުވާނެ ކަމަށެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީއަށް ވޯޓު ދިނުމަށް ގާސިމް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ކޮމެންޓު ފޮނުވާ