ގައުމުގެ މަސްލަހަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިއްޔާއި ފެންފުށީ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށާއި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުކުރަން ޖޭޕީން ނިންމީ ގައުމަށް ލޮޅުން އަރާފާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލޯނުތައް ދެއްކޭނީވެސް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނަށް އޮވެގެންކަން ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަކަށް ވިޔަސް އަދި ރަށު ކައުންސިލަކަށް ވިޔަސް އިދިކޮޅު ފަރާތްތަކަށް ވޯޓު ދީގެން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ކައުންސިލްތަކަށް ކަންކަން ކުރެވެން އޮތީ ސަރުކާރުން ބަޖެޓު ދީގެން ކަމަށް ވާތީއެވެ. އެހެންކަމުން ގައުމު ސަލާމަތް ކުރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި، ރައީސް މުއިއްޒަށް ތާއީދުކުރެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ގައުމަށް ތަރައްގީ އާއި ކުރިއެރުން ލިބެން އޮތީ އެކަމެއް ކުރުމުގެ ގާބިލުކަން ހުރި، ތަސައްރަފު ފުދޭ ބަޔަކު އެކަމާ ހަވާލުވެގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ތަނެއްގައިވެސް ކަމެއް ކުރިއަރައި ދަނީ އެކަމެއް ކުރަން ތިބި ބައެއްގެ ކެރިފޯރުންތެރިކަމާއި ގާބިލްކަމުގެ ސަބަބުން ކަމަށާއި، އެ ނޫން ގޮތަކަށް އެކަން ހާސިލް ނުވާނެ ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި ރާއްޖޭގެ އިސްތިގުލާލާއި އަމާންކަން އިސްކޮށް، ސަރުކާރަށް އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުން ގޮތް ނިންމެވުމަށް ގާސިމް އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ