ލ. ކުނަހަންދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ލައްގާފައި ހުރި އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ ރޮކެޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިގެން އެ ތަކެތި ނަގައިގެން ކުނަހަންދޫއަށް ގެންގޮސްފި އެވެ.
މި ތަކެތި އެންމެ ފުރަތަމަ ފެނިފައިވަނީ ކުނަހަންދޫ މީހަކު މަސްހިފުމަށާއި ހިބަރު ނެގުމަށް އެ ސަރަހައްދަށް ގޮސް އުޅުމުގެ ތެރޭގައެވެ. ކުނަހަންދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ މީހާ އިތުރު ބަޔަކާއެކު ގޮސް އެ އެއްޗެހި ރަށަށް ގެންދިޔައީ އޭގެ ހަގީގަތް ނޭނގިއެވެ. އެ މީހުން އެ ތަކެތި ގެންދިޔައީ އޭގައި ހުރި އިސްކުރު ފަދަ ތަކެތި ބޭނުންކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އެ ތަކެތި ރަށުގެ ބޯޓުޔާޑު ސަރަހައްދަށް ގެންގޮސްފައި ވަނިކޮށް، އެއީ ރޮކެޓެއްގެ ބައިތަކެއްކަން ފާހަގަކުރެވުނީ އެތަނަށް ދިޔަ ކުދިންތަކަކަށެވެ.
ފެންނަން ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި އެ އެއްޗެހީގައި އިންޑިއާގެ ދައުލަތުގެ ނިޝާނާއި އިސްރޯގެ ނަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. އަދި އޭގައި ހުރި ލިޔުންތަކަށް ބަލާއިރު މިއީ "2025″ ގެ ތާރީހުތައް ހުރުމުން ވަރަށް ފަހުގެ ތަކެތި ކަމަށް ލަފާކުރެވެއެވެ. މިކަން ސަމާލުކަމަށް އައުމާއެކު ފުލުހުން ވަނީ އެ ތަކެތި ބަލާފައެވެ. އަދި އެ ތަކެއްޗާ ހަވާލުވުމަށް އެމްއެންޑީއެފްގެ ސިފައިން އެ ރަށަށް ދާނެކަން އަންގާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއީ ރޮކެޓުގެ ކޮޅުގައި ސެޓެލައިޓް ރައްކާތެރިކުރުމަށް ހުންނަ "ޕޭލޯޑް ފެއަރިންގ" ގެ ބައިތަކެކެވެ. އިސްރޯއިން ފަހަކަށް އައިސް ލޯންޗުކުރި ޕީއެސްއެލްވީ ރޮކެޓްތަކަށް މައްސަލަތަކެއް ދިމާވެފައިވާއިރު، ފެއިލްވި ރޮކެޓްތަކުގެ ބައިތައް އިންޑިއާ ކަނޑަށް ވެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިއީ އޮޔާ އެކު ރާއްޖެއަށް ލެއްގި، މިދިޔަ އަހަރު ނުވަތަ މިއަހަރުގެ ކުރީކޮޅު ވެއްޓުނު ރޮކެޓެއްގެ ބައިތަކެއް ކަމަށް ވުން ގާތެވެ.
ކޮމެންޓު ފޮނުވާ