ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނުގެ ރައީސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށާއި، ރަސްމީ އެއްބަސްވުންތަކުގެ ތެރެއިން ގުޅުން ސިންދަފާތުކޮށް ކުރިއަށް ގެންދިއުމުގެ މައްޗަށެވެ.
އިޤްތިސާދީ ގޮތުން ވެސް މުހިންމު މަސައްކަތްތަކެއް މި ދަތުރުފުޅުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބޭއްވުނު މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑް ޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ އިޤްތިސާދު ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވައި، ޖަރުމަނުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން، ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އާއި ވިލާތުގެ މަޝްހޫރު ޓްރެވަލް ގްރޫޕެއް ކަމަށްވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
ތަޢުލީމީ އަދި ޚާރިޖީ ދާއިރާގެ މުހިންމު ބައްދަލުވުންތަކެއް ވެސް މި ދަތުރުފުޅުގައި ހިމެނުނެވެ. އެގޮތުން ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގައި ޚާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ ދައުރާ ގުޅޭގޮތުން ރައީސް ވަނީ ތަޤުރީރު ކުރައްވާފައެވެ.
ރާއްޖެއާއި ޖަރުމަނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖާފަތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތުގައި ޖަރުމަނު ސަރުކާރުގެ އިސްވެރިންނާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހިން ބައިވެރިވެފައިވާއިރު، ރައީސް ވަނީ އެ ދިވެހިންނާ ވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ