ދަރިފުޅަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ބަންދުކުރަން އަމުރުކޮށްފި

ދަރިފުޅަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ބަންދުކުރަން އަމުރުކޮށްފި

Author
އައިޝަތު އަޙްމަދު
12 ފެބްރުއަރީ 2026 11:59
0

ދަރިފުޅަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައްޕައަކު، ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މި ފިރިހެން މީހާގެ މައްޗަށް ތުހުމަތުކުރެވެނީ މާރާމާރީ ހިންގުމުގެ ކުށެވެ. ކޯޓު އަމުރުގައި ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި، އެ މީހާ ވަނީ އޭނާގެ ދަރިއެއްގެ ގައިގައި ޖަހައި އަނިޔާކޮށްފައެވެ. ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި އޭނާ ވަނީ މިކަމަށް އިންކާރުކޮށް، ދަރިފުޅަށް އަނިޔާ ނުކުރާކަމަށް ބުނެފައެވެ.

އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ކުއްޖާގެ މަންމަގެ ބަޔާނާއި، ފުލުހުންގެ ބަޔާނުގެ އިތުރުން ހާދިސާ ރިޕޯޓު ހިމެނެއެވެ. މީގެ އިތުރުން، މިއީ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓްގެ ތަފާސްހިސާބުތައް ދައްކާގޮތުން ހަމައެކަނި މިދިޔަ ޑިސެންބަރު މަހު ވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.