ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކަނޑާލި މީހުންނަށް ފިޔަވަޅު އެޅުމުގެ ޤާނޫނީ ބާރު އޮތް ނަމަވެސް، އެ ފަރާތްތަކަށް އެއްވެސް އަދަބެއް ދީފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް އަދަބު ދިނުމަށްޓަކައި ވަކި ޚާއްސަ އާ ޤާނޫނެއް ހަދަން ނުޖެހޭ ކަމަށެވެ. ސަބަބަކީ، މިހާރު ހެދިފައިވާ އާންމު ޤާނޫނުތަކުގެ ތެރެއިން އެފަދަ ކުށްތައް ކުރާ މީހުންނަށް ދައުވާކޮށް އަދަބު ދެވޭނެ މަގު ސާފުކޮށް އޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ނިމިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދައުރުގައި މިސްކިތްތަކަށް ގެއްލުންދިނުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅެން އޮއްވައި އެ ސަރުކާރުން އެކަން ކޮށްފައެއް ނުވެއެވެ. އަދި އޭރު މިސްކިތްތަކަށް އިހާނެތި އަމަލުތައް ހިންގި މީހުންނަށް ހައްގު އަދަބު ދީފައިވާކަން އެނގެން ނެތް ކަމަށް ވިދާޅުވެ، އޭރުގެ ސަރުކާރުން އެކަމަށް އިހުމާލުވެފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، މިސްކިތްތައް އެޅުމާއި މަރާމާތުކުރުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށްވެސް ޤާސިމް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އެކަންކަން ކުރެވޭނީ ދައުލަތުގައި ފައިސާ ހުރެގެން ކަމަށެވެ. ވޭތުވެދިޔަ ތިން ސަރުކާރުން ދައުލަތް ދަރުވާލާފައިވާކަމަށާއި، އެ ބޮޑު ދަރަނީގެ ބުރަ އުފުލަން ޖެހިފައިވަނީ މި ސަރުކާރަށް ކަމަށް ވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ އެކި ގޮތްގޮތުން ފައިސާ ހޯދައިގެން އެ ދަރަނިން ޤައުމު ސަލާމަތް ކުރުމަށް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ