ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދާ މި ޚާއްޞަ ސިލްސިލާ ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށާއި އެ ރަށްރަށުގެ ތައްޔާރީތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިގޮތުން މި އަހަރުގެ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫ އެވެ.
މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ރަމަޟާން (20 ފެބްރުއަރީ 2026) ގައި ތ. ދިޔަމިގިލީގައެވެ. "ރަމަޟާން މަހުގެ މާތްކަން" މި މައުޟޫއަށް ޚާއްޞަކޮށްގެން ދިޔަމިގިލީގައި ފޯރަމް ފަށާއިރު، އެހެން ރަށްތަކުގައިވެސް މުޖުތަމަޢަށް މުހިންމު މައުޟޫއުތަކަށް ޢިލްމުވެރިން ވާހަކަ ދައްކަވާނެއެވެ. އޭގެ ތެރޭގައި ތިނަދޫ ސިޓީގައި އަޅުކަންތަކުގެ ޢިބުރަތްތަކާ ގުޅޭގޮތުންނާއި، މަޑަވެލީގައި ޤުރްއާނުގެ އުންމަތާ ގުޅޭގޮތުން އަދި ގައްދޫގައި ނަބަވީ ތަރުބިއްޔަތާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން އިހަވަންދޫ، ނައިފަރު، ހިންމަފުށި، ގުރައިދޫ، މާވަށް އަދި މީދޫގައި ބާއްވާ ފޯރަމްތަކުގައި މައިންބަފައިންނާއި ދަރިންގެ ގުޅުން، ހިތުގެ ހަމަޖެހުން، އަޅުކަން މަޤުބޫލުވުން، ނިޢުމަތްތަކާމެދު ސުވާލުވެވޭނެކަން، ފާފައިގެ އަސަރު އަދި ދީނުގައި ސާބިތުވުން ފަދަ މުހިންމު މައުޟޫއުތަކަށް އަލިއަޅުވާލެވޭނެއެވެ.
ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބާއްވާ މި ފޯރަމްތަކުގައި ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި އައްޝައިޚް ޢާޒިމު ޙާލިދު، އައްޝައިޚް ޢުސާމް މުޙައްމަދު ސަޢީދު، އައްޝައިޚް ޢަބްދުﷲ މިފްޒާލު، އައްޝައިޚް މުޙައްމަދު އިމްތިތާޢު، އައްޝައިޚް މުޙައްމަދު ސާމީ، އައްޝައިޚް މުޠީޢު އިސްމާޢީލު، އައްޝައިޚް ޙަސަން ތަޢުފީޤު، އައްޝައިޚް އަޙްމަދު މަޢުމޫން، އައްޝައިޚް ޢަޠީފް އަބޫބަކުރު އަދި އައްޝައިޚް ޢަލީ ޝަހީދު ހިމެނިވަޑައިގަންނަވައެވެ.
މި އަހަރުގެ ފޯރަމްތައް ކުރިއަށްދާއިރު އާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ޚާއްޞަ އިންތިޒާމުތަކެއް ވަނީ ރާވާފައެވެ. އެގޮތުން ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ ނަސީބުވެރިންނަށް އަގުހުރި ޚާއްޞަ އިނާމުތަކެއް ދިނުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ