ޓިކެޓް ކެންސަލްކުރުމުން އަނބުރާ ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން، އިޓަލީގެ ރައްޔިތަކު ކުރި ދައުވާއެއް ސާބިތުވެ، ބިއޯންޑް އެއާލައިން ހިންގާ ކުންފުނިން އެ މީހާއަށް 16،160 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ސިލްވިއޯ ޕިންޓޯއެވެ. އޭނާ ދައުވާކުރީ ސިމްޑީ ކުންފުނީގެ ހިއްސާ އޮންނަ، ބިއޯންޑް-ސިމްޑީ އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ. ދައުވާގައި ބުނެފައިވަނީ ބިއޯންޑް އެއާލައިނުން އޭނާ ގަނެފައިވާ ހަ ޓިކެޓެއް، އެއާލައިންގެ ރިފަންޑް ޕޮލިސީއާ އެއްގޮތަށް ކެންސަލް ކުރުމުން ވެސް ލިބެންޖެހޭ ފައިސާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ޓިކެޓްތަކުގެ އަގަށްވާ 14،000 ޑޮލަރާއި، މައްސަލަ ހިންގުމަށް ހޭދަވި ކޯޓު ފީ އާއި ވަކީލުގެ ޚަރަދުގެ ގޮތުގައި 2،160 ޑޮލަރު ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕިންޓޯގެ މި ދައުވާއަށް ބިއޯންޑް-ސިމްޑީ އޮޕަރޭޝަންސް އިން އިންކާރުކޮށްފައެއް ނުވެއެވެ. އަދި ޝަރީއަތުގައި ދިފާއީ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، އިތުރު އަޑުއެހުމެއް ބާއްވަންޖެހޭ ފަދަ ސަބަބެއް ވެސް ކުންފުނީގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ. ކޯޓުން ނިންމީ ޓިކެޓްތައް ކެންސަލްކޮށްފައިވަނީ އެއާލައިންގެ އުސޫލުތަކުގެ ތެރެއިން ކަމަށްވާތީ، އެ ފައިސާއަކީ ކުންފުނިން ދައްކަންޖެހޭ ދަރަންޏެއް ކަމަށެވެ.
މިކަންކަމަށް ރިއާޔަތްކޮށް ގާޒީ ހުކުމްކުރެއްވީ، ޓިކެޓްގެ ރިފަންޑާއި ކޯޓު ޚަރަދު ހިމެނޭހެން ޖުމްލަ 16،160 ޑޮލަރު (ގާތްގަނޑަކަށް 2.5 ލައްކަ ރުފިޔާ)، ހުކުމް ކުރި ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ބިއޯންޑް-ސިމްޑީ އޮޕަރޭޝަންސް އިން ދައްކާ ޚަލާޞްކުރުމަށެވެ.
ކޮމެންޓު ފޮނުވާ