ރަމަޟާން މަހުގެ ހަނދު ބެލުން އަންގާރަ ދުވަހުގެ ރޭ: ހަނދު ފެނިއްޖެނަމަ އަންގައިދިނުމަށް ޑީޖޭއޭއިން އެދިއްޖެ

ރަމަޟާން މަހުގެ ހަނދު ބެލުން އަންގާރަ ދުވަހުގެ ރޭ: ހަނދު ފެނިއްޖެނަމަ އަންގައިދިނުމަށް ޑީޖޭއޭއިން އެދިއްޖެ

Author
އައިޝަތު އަޙްމަދު
10 ފެބްރުއަރީ 2026 05:08
0

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހަނދުބެލުން، އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށާއި، ހަނދު ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަން އަންގައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދިއްޖެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ މަހުގެ 18 ވާ ބުދަ ދުވަހެވެ. އެހެންކަމުން ރޯދަ މަހުގެ ހަނދު ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ޑީޖޭއޭއިން ހާމަކުރިގޮތުގައި ހަނދު ފެނިއްޖެނަމަ ހެކިބަސް ދިނުމުގެ އިންތިޒާމް މާލެއާއި އަތޮޅުތެރޭގައި ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައިނަމަ ހެކިބަސް ދޭނީ މާލޭގެ ކޯޓެއްގެ ޤާޒީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅު ތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަށް ނުވަތަ މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ، ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެހުންނެވި އިސް ވެރިއަކަށް ހެކިބަސް ދެވޭނެއެވެ.

ހަނދާ ބެހޭ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބު އަދި މިނޫންވެސް މުހިންމު މައުލޫމާތު ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ހަނދު ފެނިގެން ހެކިބަސް އަދާކުރުމަށްޓަކައި ދަތުރުކުރަން ޖެހިއްޖެނަމަ، އައުމާއި ދިއުމުގެ ޚަރަދު ޑީޖޭއޭއިން ހަމަޖައްސައިދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވީމާ، މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ ޑީޖޭއޭއަށް، އަދި ރަށްރަށުގައިނަމަ އެރަށެއްގެ ކޯޓަށް ނުވަތަ ކައުންސިލް އިދާރާއަށް ހާޒިރުވެ އެކަން އެންގެވުމަށް އެ ޑިޕާޓްމަންޓުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.