ވަކި ޝަރުތުތަކެއް ފުރިހަމަވާ ވިޔަފާރިތަކަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލިހަށް ދިނުމަށް، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒްއެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ވަޒީފާ ދޭ ފަރާތްތަކުން ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދާއިރު އަހަރަކަށް 2,000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މިއީ ކޮންމެ ތިން އަހަރަކުން މުރާޖައާކޮށް ބޮޑުކުރެވޭ ގޮތަށް އޮންނަ ފީއެކެވެ. ނަމަވެސް، ޝަމީޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަކި ހާއްސަ ކަންކަމަށް ރިއާޔަތްކޮށް، ވަކި ވިޔަފާރިއަކަށް ނިސްބަތްވާ ފަރާތްތަކުން މި ފީ ދެއްކުން އިސްތިސްނާ ކުރުމަށް ނުވަތަ މައާފް ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
މިގޮތަށް ފީ މައާފުކޮށްދިނުމުގައި ވަޒީރުންގެ މަޖިލީހުން ރިއާޔަތްކުރަން ޖެހޭ މައިގަނޑު ހަތަރު ކަމެއް ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް އިގްތިސާދުގައި އެފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމާއި، އެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށާއި، ވާދަވެރިކަން އުފައްދައި އާ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރު ދިނުމަކީ ވެސް މި ލުއި ދިނުމުގައި ބަލާނެ ކަންކަމެވެ. މި ބިލުގައިވާ ކަންކަމަށް އަމަލުކުރަން ފަށާނީ، މަޖިލީހުން ބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ