މާލޭގެ ފެން ރައްކާކުރެވޭ މިންވަރު ދެގުނައަށް އިތުރުކޮށް، 26،000 ޓަނުގެ ފެން ރައްކާކުރެވޭނެ ބޮޑު ދެ ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް އެމްޑަބްލިއުއެސްސީން ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބަހައްޓާ 13،000 ޓަނުގެ ދެ ތާނގީއާއެކު މާލޭގެ ސްޓޯރޭޖް ކެޕޭސިޓީއަށް އިތުރުވެގެންދާ 26،000 ޓަނަކީ، މިހާރު މާލޭގައި ހުރި މުޅި ކެޕޭސިޓީއާ އެއްވަރުގެ އަދަދެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫޢު ނިމުމުން މާލޭގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ސީދާ ދެގުނައަށް ބޮޑުވެގެންދާނެއެވެ.
މި ތާނގިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކުރިން ކުނިގޮނޑު ހުރި ސަރަހައްދުގައެވެ. މަތީން ފާހަގަކުރެއްވި ގޮތުގައި އެ ސަރަހައްދުގެ ބިމުގެ ދަތިކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި ޑިޒައިނަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެންނަން ޖެހުނު ނަމަވެސް، މިހާރު އެކަންކަން ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެމެރިކާއިން ގެނެސް ސައިޓަށް ޖަމާކޮށްފައިވާއިރު، މަސައްކަތް ކުރިއަށްދާނީ ޚިދުމަތަށް ބުރޫނާރާނެ ގޮތަށެވެ.
ފެނުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ހުޅުމާލޭގައިވެސް ވަނީ 10،000 ޓަނުގެ ސްޓޯރޭޖް ނިޒާމެއް ޤާއިމުކޮށް، އެ އަަވަށުގެ ކެޕޭސިޓީ 22،600 ޓަނަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ