އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިލޭ ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސްތަކަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ހުރިހާ ޖާގައެއް ފުރި، އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ. އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހުޅުވާލި މި ފުރުސަތުގައި ޖުމްލަ 103 ކުދިން ވަނީ ބައިވެރިވެފައެވެ. ކަނޑައެޅިފައިވާ އަދަދަށް ކުދިން ހަމަވުމާ ގުޅިގެން، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފައެވެ.
މިއީ ހުޅުމާލޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ކުޑަކުދިން ޤުރުއާނަށް އަހުލުވެރިކުރުވުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެމްއޯޔޫގެ ދަށުން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ހަފްތާއަކު ފަސް ދުވަހު ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި ކްލާސްތައް ތާވަލުކުރެވިފައިވަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށް ބަހާލައިގެން، އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ކިޔަވައިދޭ ގޮތަށެވެ. ކޮންމެ ދުވަހަކުވެސް ހަތަރު ސެޝަން ކުރިއަށްދާއިރު، ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ހަމަޖައްސައި އެފަރާތްތައް ތަމްރީނުކުރުމުގެ ޒިންމާ އަދާކުރާނީ އަލް އަސްރު ޖަމިއްޔާއިންނެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ލޯބިކުރާ، ދީނީ ކަންކަމަށް ސަމާލުކަންދޭ މުޖުތަމައުއެއް ބިނާކުރުމެވެ. އަދި މުޖުތަމައުއަށް ފައިދާހުރި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިމަގުގައިވެސް ރާވައި ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމުގައި އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ