މާލޭ ހިޔާ ފްލެޓުގެ ފަސްވަނަ ފަންގިފިލާއިން އިއްޔެ ވެއްޓުނު މީހާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 6:50 ހާއިރުއެވެ. މާލޭ ހިޔާ 1 ގެ ފަސްވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓުނު ގޮތާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ހާދިސާއަށްފަހު އެ މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ބަލިމީހާގެ ހާލަތު ސީރިއަސްކަމުން މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ