ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ކަނޑުމަގުން ގެންނަ މުދާ ބަލައި ފާސްކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް ޚިދުމަތަށް ނެރޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ވައިގެ މަގުން ރާއްޖެއަށް ގެންނަ ހުރިހާ ޕެކޭޖެއް މިހާރުވެސް ސްކޭން ކުރެވެމުންދާއިރު، އަލަށް ގެނެވޭ ސްކޭނަރުގެ ސަބަބުން ކަނޑުމަގުން އެތެރެކުރާ ތަކެތި މޮނިޓަރކޮށް ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މި މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ ހަރުދަނާ ނިންމެވުމަކީ، މިކަމާ ގުޅުންހުރި ހުރިހާ އިދާރާތައް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ބަނގުރަލާއި ބިޔަރު ހިމެނޭހެން އަތުލައިގަނެވުނު މި ތަކެތީގެ މަގުމަތީ އަގު 2.3 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ފާއިތުވި ތިން ދައުރުގެ ފުރަތަމަ ދެ އަހަރާ އަޅާބަލާއިރު، މި ދާއިރާއިން އެންމެ ގިނަ މަސައްކަތް ކުރެވުނު ދުވަސްވަރުކަން ފާހަގަކުރެވެއެވެ.
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ އިތުރުން، އެތަކެއްޗަށް އޮންނަ ޑިމާންޑް ދަށްކުރުމަށްޓަކައި ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އިޙްސާން ވިދާޅުވިއެވެ. މިގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް ފަރުވާގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ