ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ގާނޫނީ އެންމެ ހަރުކަށި އަދަބު ދިނުމަށް ފަސްނުޖެހޭނަން: ސީޕީ

ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ގާނޫނީ އެންމެ ހަރުކަށި އަދަބު ދިނުމަށް ފަސްނުޖެހޭނަން: ސީޕީ

Author
އައިޝަތު އަޙްމަދު
04 ފެބްރުއަރީ 2026 12:35
0

ކުޑަކުދިންގެ ނަހަމަ ފައިދާ ނަގައި، އެ ކުދިން ބޭނުންކޮށްގެން ޖިނާއީ ކުށްތައް ހިންގާ ފަރާތްތަކާ މެދު އެއްވެސް ވަރަކަށް ދޫނުދެއްވާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ ނަވީން މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވީ، ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި ޓްރެފިކްކޮށް، އެ ކުއްޖާ އެކްސްޕްލޮއިޓްކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ސީޕީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރި އަދި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބު ކަމަށެވެ. އެހެންކަމުން ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރާ އެއްވެސް ފަރާތަކަށް މައާފެއް ނެތް ކަމަށް ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ސީރިއަސްކޮށް ބަލާނެކަމުގެ ޔަގީންކަން ދެއްވަމުން ސީޕީ ވިދާޅުވީ، ކުށްވެރިންނަށް ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫން ކަމަށާއި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ އިޖުތިމާއީ ބޮޑު ޒިންމާއެއް ކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަމުން، ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުވާ ކަމުގެ ނުވަތަ އެފަދަ ކަމެއް ރާވައި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މިފަދަ މައުލޫމާތު ހިއްސާކުރެއްވުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.