ގަން އިންޓަނޭޝަނަލް އެއާޕޯޓު "ސަދަން ހަބު" އަކަށް ހަދައި، ބޭރުގެ ބޮޑެތި އެއާލައިންތައް ގެންނަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓު "ސަދަން ހަބު" އަކަށް ހަދައި، ބޭރުގެ ބޮޑެތި އެއާލައިންތައް ގެންނަނީ

Author
ޙަސަން މުޙައްމަދު
30 ޖެނުއަރީ 2026 10:56
0

ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ވައިގެ "ސަދަން ހަބު" ގެ ގޮތުގައި ތަރައްގީކޮށް، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މުހިންމު މަންޒިލަކަށް އެތަން ހަދާނެކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިފިއެވެ. ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލުމަށް ފެށި "ދެކުނުގެ ގުޅުން" ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގަން އެއާޕޯޓަކީ ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރާ ކޮންމެ ސައިޒެއްގެ ބޯޓެއް ވެސް ޖެއްސޭނެ ފެންވަރު ހުރި ތަނެއް ކަމަށެވެ. އެހެންނަމަވެސް، މީގެ ކުރިން އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނުވަތަ އެކަށީގެންވާ ވަރަށް އެއާލައިންތައް ގެނައުމަށް މަސައްކަތް ކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އަމާޒަށް ވާސިލުވުމުގެ ގޮތުން، މިހާރުވެސް ޗައިނާއާއި މެދުއިރުމަތީގެ އެއާލައިންތައް ގަމަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާކަން އަމީން ހާމަކުރެއްވިއެވެ. ވަޒީރުގެ ތަސައްވުރަކީ ގަމުގެ ހާލަތު މުޅިން ބަދަލުކޮށްލައި، ދެކުނުގެ ހަތަރު އަތޮޅު ވައިގެ ނިޒާމަކުން ގުޅާލުމެވެ. މިއީ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ، އައު ހަރުފަތަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި އެއާޕޯޓުތަކެއް އެޅުން ނޫންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، މުހިންމު ކަމަކީ ގާއިމުކުރެވޭ ވަސީލަތްތަކުގެ ބޭނުންހިފައި، ރައްޔިތުންނަށް ފަސޭހަ މަދަނީ ދަތުރުފަތުރުގެ ނިޒާމެއް އުފެއްދުން ކަމަށެވެ. މިގޮތުން ސީޕްލޭންގެ ޚިދުމަތާއެކު ދެކުނު ގުޅާލުމުން ލިބޭނެ ލުއިފަސޭހަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޑިމާންޑް އޮތް މިންވަރަކުން މި ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ގދ. ފަރެސްމާތޮޑާ އާއި މާވަރުލު އެއާޕޯޓަށް ވެސް ސީޕްލޭންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.