ގުޔާހިޔާ ވިދާޅުވެފައިވަނީ، ރަނުގެ ވިޔަފާރި ނުގަވައިދުން ކުރެއްވި ވާހަކަ ކުރިން ނުދައްކަވާ ހުންނެވި އަލްޖީރިއާއާއި އަރަބި ގައުމުތަކާ ގުޅުން ގޯސްވެދާނެތީ ކަމަށް

ބްލެކް މާރކެޓުގައި، ގާވާއިދާ ޚިލާފަށް ރަނުގެ ވިޔަފާރި ކުރިކަމަށް އަލްޖީރިއާގެ ކުރީގެ ބޮޑުވަޒީރު އެއްބަސްވެ ވަޑައިގެންފި

ބްލެކް މާރކެޓުގައި، ގާވާއިދާ ޚިލާފަށް ރަނުގެ ވިޔަފާރި ކުރިކަމަށް އަލްޖީރިއާގެ ކުރީގެ ބޮޑުވަޒީރު އެއްބަސްވެ ވަޑައިގެންފި

ގުޅުންހުރި

އަލްޖީރިއާގެ ކުރީގެ ބޮޑުވަޒީރު، އަހުމަދު ގުޔާހިޔާ، އަރަބި ގައުމުތަކުގެ ހެޔޮއެދޭ ފަރާތްތަކަކުން ލިބުނު ރަން، ބްލެކް މާރކެޓުގައި ވިއްކާ، އޭގެއިން ވިޔަފާރި ކޮށްފައިވާ ކަމަށް، އޭނާގެ މައްޗަށް މިހާރު ކުރިޔަށްދާ ކޮރަޕްޝަންގެ ޝަރީއަތުގައި އެއްބަސްވެ ވަޑައިގެންފިއެވެ.

ގުޔާހިޔާއާއި އަދި އޭނާގެ އެކުވެރި، އެގައުމުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ، އަބުދުލްމާލިކް ސެލާލްގެ މައްޗަށް ތުހުމަތު ކުރެވެނީ، 2019 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ރައީސްކަމުގެ މަގާމަށް އެގައުމުގެ އޭރުގެ ރައީސް އަބުދުލް އަޒީޒް ބޫތަފްލިކާ އަލުން އިންތިޚާބުކުރުމަށް، ސިއްރިޔާތުގައި ފަންޑްކުރި ކަމުގެ ތުހުމަތެވެ. އެހެންނަމަވެސް، އެއިންތިޚާބަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އޭނާގެ ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހިރާތަކަށްފަހު، ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަލްޖީރިއާގެ ކުރީގެ ދެ ބޮޑުވަޒީރުންގެ ޝަރީއަތް އާދިއްތަ ދުވަހު ފެށިފައި މިވަނީ، މިދެ ބޭފުޅުންގެ މައްޗަށް އޭގެކުރިން ކުރެވުނު ހުކުމެއް މިދެބޭފުޅުން އިސްތިއުނާފް ކޮށްގެން އެގައުމުގެ ސުޕްރީމް ކޯޓުން ފާއިތުވެދިޔަ ނޮވެމްބަރު މަހު އެހުކުމް ބާތިލް ކޮށްފައި ވަނިކޮށެވެ.

މި ދެބޭފުޅުންނަކީވެސް، ކުރީގެ ރައީސް ބޫތަފްލިކާގެ ވެރިކަމުގައި އަލްޖީރިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ދެބޭފުޅުންނެވެ. ކުރީގެ މި ދެބޮޑުވަޒީރުންގެ މައްޗަށް ކުރެވެމުންދާ ކޮރަޕްޝަންގެ ޝަރީއަތާއިި ގުޅުންހުރި ޝަރީއަތްތައް އެގައުމުގެ ކުރީގެ އިތުރު އެތަކެއް ވަޒީރުންނެއްގެ މަޗަށް މިހާރުވެސް ކުރެވެމުން އެބަދެއެވެ.

މިހާރު ކުރިޔަށްދާ ޝަރީޢަތުގައި، އޭނާގެ ބޭންކު އެކައުންޓުގައިވާ، 5 މިލިއަން ޑޮލަރަށްވުރެ ގިނައި ފައިސާ ހޯދާފައިވާ ގޮތާބެހޭގޮތުން ވަނީ އޭނާއާ ސުވާލު ކުރެވިފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި، ގުޔާހިޔާ ވިދާޅުވެފައިވަނީ، މިފައިސާއަކީ، "ބޮޑުވަޒީރުކަމުގައި ހުންނަވައިގެން، ގަލްފުގެ ބައެއް ގައުމުތަކުގެ ވެރީންގެ ފަރާތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި، ރަނުގެ ބްލޮކްތައް ބްލެކްމާކެޓަށް ވިއްކައިގެން ހޯދާފައިވާ ފައިސާ،" ކަމުގައެވެ.

މިގޮތުން ގުޔާހިޔާ ބްލެކް މާރކެޓަށް ވިއްކާފައިވާ ރަނުގެ 60 ބްލޮކްތަކުގެ އަގަށް މަދުވެގެން 2.5 މިލިއަން ޑޮލަރު އަރާނެކަމަށް ލަފާ ކުރެވެއެވެ.

ގުޔާހިޔާ ވިދާޅުވި ގޮތުގައި، މި ވިޔަފާރިއާއި ގުޅޭގޮތުން މިހާތަނަށް އައިއިރު، ވާހަކަ ނުދައްކަވާ ހަނު ހުންނެވީ، މިކަމުގެ ސަބަބުން އަރަބި ބައެއް ގައުމުތަކާ އަލްޖީރިއާއާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރީ އަރާފާނެތީއެވެ.

އޭނާވަނީ، މިވިޔަފާރިން ލިބުނު މަންފާއިން ޓެކްސް ދައްކާފައި ނުވާކަމަށްވެސް އެއްބަސް ވެފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށިގެން ކުރިޔަށްދާ، ގުޔާހިޔާއާއި ސެލާލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ޝަރީއަތަކީ، 2019 ވަނަ އަހަރުގެ ކުރީކޮޅު އޭރުގެ ރައީސް ބޫތަފްލިކާ އެގައުމުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު، ލޯޗްކުރެވިފައިވާ، ސަރުކާރުގެ އިސް އޮފިޝަލުންނާއި ގުޅުންކުރި ކޮރަޕްޝަންގެ ޝަރީއަތްތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރީއަތެވެ.

މިއީ، 1962 ވަނަ އަހަރު، އަލްޖީރިއާއަށް، ފްރާންސްގެ އަޅުވެތިކަމުން މިނިވަންކަން ލިބުނު ފަހުން، އެގައުމުގެ ކުރީގެ ބޮޑުވަޒީރުންގެ މައްޗަށް ޝަރީއަތް ކުރެވޭ ފުރަތަމަ ފަހަރެވެ.

ގުޔާހިޔާވަނީ، 1995 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު 4 ފަހަރެއްގެމަތިން އަލްޖީރިއާގެ ބަޑުވަޒީރުކަން ކޮށްފައެވެ. އަދި އޭނާ ދަނީ، 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ސެލާލް އަލްޖީރިއާގެ ބޮޑުވަޒީރުކަން ކޮށްފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ ދަނީ 12 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި މީގެ އިތުރުން، އިތުރު އެހެން މައްސަލަތަކެއްގައި އިތުރު މުއްދަތުތަކަކަށް ފާއިތުވެދިޔަ އަހަރުވަނީ އިތުރު ޖަލު ހުކުމްތަކެއްވެސް ކުރެވިފައެވެ.

އަލްޖީރިއާގައި މިހާތަނަށް އެންމެ ދިގުމުއްދަތަކަށް ރައީސްކަން ކޮށްފައިވާ ބޫތަފްލިކާ ވެރިކަމުން އިސްތިއުފާ ދެއްވާފައިވަނީ، 2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާ، 5 ވަނަ ދައުރަކަށް ވެރިކަން ކުރައްވަން މަސްކަތް ކުރެއްވުމުން، އޭނާއާއި ދެކޮޅަށް އެގައުމުގައި ހިންގި ބޮޑެތި މުޒާހިރާތަކާ ގުޅިގެން، އެގައުމުގެ އަސްކަރިއްޔާގެ ތާއީދު އޭނާއަށް ގެއްލިގެން ދިއުމާއެކުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *