މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް، ޚާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް "ދުންފުހުގެ" އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް، ދުނިޔޭގެ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ ކަމެކެވެ. އެގޮތުން އެހެން ގައުމުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، އޭގެ އަސަރު ރާއްޖޭގެ ސަރަޙައްދުންވެސް ފެންނަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ޖައްވު ނުސާފުވެ ހިރަފުހުގެ އަސަރު ހުރުމުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މި ހާލަތުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ނާޒުކު ހާލަތުގައި ތިބި މީހުން ގެއިން ބޭރަށް ނުކުންނައިރު ރައްކާތެރި މާސްކު (އެން 95) ބޭނުންކުރުމަށާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލުން ހިމެނެއެވެ. އަދި ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ކުޅަދާނަކަން ލިބިގެންވާ ފަރާތްތަކުން އެއާ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ލަފާދެއެވެ.
މީގެއިތުރުން، ޖައްވު ނުސާފުވެފައިވާ މި ދަނޑިވަޅުގައި ވާރޭފެން ނަގައި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. ވައިގެ ސާފުމިން ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ލިންކް މެދުވެރިކޮށް އެ މައުލޫމާތު ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ