ޒަކާތު ހައުސްއިން ނޮވެމްބަރު މަހު ބޭސްފަރުވާއަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފި

ޒަކާތު ހައުސްއިން ނޮވެމްބަރު މަހު ބޭސްފަރުވާއަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފި

Author
އަހުމަދު
29 ޖެނުއަރީ 2026 02:28
0

މޯލްޑިވްސް ޒަކާތު ހައުސްއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ. އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި 165 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން ކެންސަރަށް 4.4 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، ބޯންމެރޯ ޓްރާންސްޕްލާންޓާއި، ހިތާއި، ކިޑްނީ އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށްވެސް ވަނީ މާލީ އެހީ ދީފައެވެ.

ބޭސްފަރުވާގެ އިތުރުންވެސް ޒަކާތު ފަންޑުން ވަނީ މުހިންމު ދާއިރާތަކަކަށް ހޭދަކޮށްފައެވެ. އޭގެ ތެރޭގައި "ފީސަބީލިﷲ" ގެ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޢިލްމު ފެތުރުމަށް އެކަނިވެސް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް (އިބްނުސަބީލް) 69،000 އަށްވުރެ ގިނަ ރުފިޔާ އާއި، މަތީ ތަޢުލީމާއި ދީނީ ޕްރޮގްރާމްތައް ހިންގުމަށްވެސް ފައިސާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ޒަކާތުގެ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް 2.6 ލައްކަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޒަކާތު ހައުސްގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރުމެވެ. މިގޮތުން ނޮވެމްބަރު މަހު ހޭދަކުރި ޖުމްލަ ޢަދަދުގެ ތެރޭގައި ކުރީ މަސްތަކުގައި ހަމަޖެހިފައިވާ ބައެއް ފައިސާވެސް ހިމެނޭކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.