މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި ޤާއިމުކުރި ފުރަތަމަ ކެތު ލެބުގެ ޚިދުމަތް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ރަސްމީކޮށް ފަށައިފިއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ގުޅިގެން އައްޑޫގައި މި ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އޭއީއެޗުން ހާމަކުރި ގޮތުގައި ޚިދުމަތް ފެށިތާ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ޖުމްލަ 7 މީހަކަށް ވަނީ ފަރުވާ ދީފައެވެ. އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ވިދާޅުވި ގޮތުގައި، ދެވުނު ޚިދުމަތްތަކުގެ ތެރޭގައި ހިތުގެ އެންޖިއޯގްރާމް ހެދި ހަތަރު މީހަކާއި، ސިކުނޑީގެ އެންޖިއޯގްރާމް ހެދި މީހެއްގެ އިތުރުން އެންޖިއޯޕްލާސްޓީގެ ޚިދުމަތް ހޯދި ދެ މީހަކު ހިމެނެއެވެ. އެންޖިއޯގްރާމަކީ ހިތުގެ ނާރުތަކުގައި މައްސަލައެއް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެއް ކަމަށްވާއިރު، އެންޖިއޯޕްލާސްޓީއަކީ ބްލޮކްވެފައިވާ ނާރުތައް ހުޅުވުމަށް ދެވޭ ފަރުވާއެވެ.
އައްޑޫގައި މި ޚިދުމަތް ފަށާފައި މިވަނީ، ކެތު ލެބް ޤާއިމުކުރުމުގެ މަސައްކަތް ނިންމާލިތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެތަނުގެ ޢަމަލީ މަސައްކަތް ނިންމާލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ސަރުކާރު ހޮސްޕިޓަލެއްގައި ކެތު ލެބެއް ހުޅުވީ 2016 ވަނަ އަހަރު އައިޖީއެމްއެޗުގައެވެ. އޭގެ ފަހުން އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭގައިވެސް މި ޚިދުމަތް އަންނަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ