ސަރުކާރުގެ މަސައްކަތްތަކާއި ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައްކުރާ ކޮންޓްރެކްޓަރުންނަށް ލިބެންޖެހޭ ފައިސާ ލަސްވާ މައްސަލައިގެ ކަންބޮޑުވުން ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ފާޅުކޮށްފިއެވެ.
ކޮންޓްރެކްޓް މަސައްކަތްތައްކުރާ ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރުމަށް އުފައްދާފައިވާ ޖަމުއިއްޔާ ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ސީދާގޮތުން އެންމެ ބޮޑު ގެއްލުމެއް ވަމުންދާ އެއް ބަޔަކީ ކޮންޓްރެކްޓަށް މަސައްކަތްކުރާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަށް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަކީ ވަރަށް ބޮޑަށް ތަފާތު އެކި ވިޔަފާރިތަކާއި ހިދުމަތްތަކާ ގުޅި ލާމެހިފައިވާ ބަޔަކަށް ވާއިރު ނުސީދާގޮތެއްގައި ތަފާތު ގިނަ ވިޔަފާރިތަކަށް ކޮންޓްރެކްޓަރުންނަށް ދިމާވާދަތިތަކުގެ ގެއްލުން ފޯރާނެކަންވެސް އެ ޖަމުއިއްޔާން ވަނީ ފާހަގަކޮށްފައެވެ.
"މިދެންނެވި ގިންތިއަށް ވިޔަފާރީގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކާއި، އަދި އެފަރާތްތަކާއި ގުޅުންހުރި އެންމެހާ ޢާއިލާތަކަށްވެސް ކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ދަނީ ކުރަމުންނެވެ"
– ކޮންޓްރެކްޓަރސް އެސޯސިއޭޝަން
އަދި މިދަނޑިވަޅުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ކުއްޖާއި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ހަވާލުކުރާ ޕްރޮޖެކްޓުތަކުގެ އިންވޮއިސްއަށް ފައިސާ ލިބުން ލަސްވުމުގެ ޝަކުވާ އެ ޖަމުއިއްޔާއަށް ތަކުރާރު ކޮށް ލިބެމުންދާކަމަށްވެސް ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފަވެއެވެ.
"އެއްބަސްވުމެއްގެ ދަށުން ކުރެވޭ މުޢާމަލާތަކަށް ވީހިނދު، ކުރެވެމުން ގެންދާ ބިލްތަކަށް ފައިސާ ނުލިބުމާއި ފައިސާ ނުދީ ލަސްކުރުމަކީ އިޖްތިމާޢީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރުގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދި ގެއްލުން ލިބިގެންދާނެ ކަންތައްތަކެވެ"
– ކޮންޓްރެކްޓަރސް އެސޯސިއޭޝަން
އެހެންކަމުން ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަތިހާލަތުގައި ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، މަސައްކަތްތަކަށް ހުށަހަޅާ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން އެދެއެވެ.
ކޮމެންޓު ފޮނުވާ