ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،857 ކެންޑިޑޭޓުންގެ ފޯމު އީސީން ބަލައިގެންފި

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،857 ކެންޑިޑޭޓުންގެ ފޯމު އީސީން ބަލައިގެންފި

Author
ޙަސަން މުޙައްމަދު
28 ޖެނުއަރީ 2026 10:46
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެގެން މިހާތަނަށް 1،857 ކެންޑިޑޭޓެއްގެ ފޯމު ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1040 ފޯމު ވަނީ ބަލައިގެންފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހެޅި 852 ފޯމާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ފަރާތްތަކުގެ 188 ފޯމު ހިމެނެއެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 142 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 94 ފޯމު ބަލައިގެންފައި ނުވާކަމަށް އީސީން މައުލޫމާތު ދެއެވެ.

ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 817 ފޯމެއް ވަނީ ބަލައިގެންފައެވެ. މީގެ ތެރޭގައި ގިނައީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމުތަކެވެ. އެގޮތުން ޕާޓީތަކުގެ 692 ފޯމު ބަލައިގެންފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރާ 125 ފަރާތެއްގެ ފޯމުވެސް ވަނީ ޤަބޫލުކޮށްފައެވެ. އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ 161 ފޯމެކެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ 103 ފޯމާއި އަމިއްލަ ކެންޑިޑޭޓުންގެ 58 ފޯމު ހިމެނެއެވެ.

ކެންޑިޑަސީ ބަލައިނުގަތުމުގެ ސަބަބުން ގިނަ އަދަދެއްގެ ފޯމު އަލުން އިސްލާހުކޮށް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން 84 ފޯމާއި އަމިއްލަ ގޮތުން 49 ފޯމާއެކު ޖުމްލަ 133 ފޯމު އަލުން ހުށަހަޅާފައިވެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުގެ 54 ފޯމާއި އަމިއްލަ ގޮތުން 32 ފޯމާއެކު ޖުމުލަ 86 ފޯމު ވަނީ އަލުން ހުށަހަޅާފައެވެ. މި ދެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ކެންޑިޑޭޓުންގެ ފޯމުތައް ބަލައިނުގަނެ އަނބުރާ ފޮނުވާލަން ޖެހުނު މައިގަނޑު ސަބަބުތައްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި، އުމުރު ދުވަހުގެ ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހިމަނާފައި ނެތުން ހިމެނެއެވެ. މީގެ އިތުރުން، ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާ ހުރުމަކީވެސް ކެންޑިޑަސީ ޤަބޫލުނުކުރި ސަބަބެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.