ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން 3،200 އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ފަށައިފި

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން 3،200 އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
27 ޖެނުއަރީ 2026 07:04
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ' އިން ހިންގުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބްގެ އިތުރުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ މަގުސަދުތައް ހާސިލްކުރުމަށްޓަކައި، އެކަމަށް ޚާއްސަކޮށްގެން އުފެއްދި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ. ބޭންކުން ހާމަކުރި ގޮތުގައި މި މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ، ގާއިމުކޮށްފައިވާ ގަވަނަންސްއާއި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާއަކަށްފަހު ހޮވުނު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަކާ ކަމަށެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކުގެ ތެރޭގައި އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ވެސް ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ބީޔޫސީޖީއާ ހަވާލުކޮށްފައިވަނީ ހުޅުމާލެ ޒޯން 2 ގެ ހަތަރު ބިމެއްގައި 1،117 ހައުސިންގ ޔުނިޓު ތަރައްގީ ކުރުމަށެވެ. އަދި ސީއެމްއީސީއާ ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިންގ ޔުނިޓް އެޅުމަށެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ޖުމްލަ 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ގާއިމުކުރެވިގެންދާނެއެވެ. މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ލީސް ޓު އޯން" ނުވަތަ ކުއްޔަށް ދިރިއުޅުމަށްފަހު ވަކި މުއްދަތަކުން މިލްކުވާ މޮޑެލްގެ ދަށުން، ނިސްބަތުން ކުޑަ ކުއްޔެއްގައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމަށް އޮތް ޑިމާންޑަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ކެބިނެޓުން ނިންމާފައިވާ ނެޝަނަލް ހައުސިންގ އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުން، މާލީ އިދާރާތަކާ ގުޅިގެން އާންމުންނަށް ގެދޮރު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ޚާއްސަ ގަވައިދެއް އެކުލަވާލާފައެވެ. އެ ގަވައިދުގެ ދަށުން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިންގ ސްކީމަށް ޚާއްސަކުރަން ޖެހެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދޫކުރާނީ ހެޔޮ އަގުގައި ގަތުމާއި ކުއްޔަށް ދީގެން މިލްކުކުރެވޭ މޮޑެލްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.